26 November 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

LAW AND JUSTICE

 

ޒަކީގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާއަށް ޤާނޫނީ ނަޒަރެއް!
އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް ބަންޑާރަނައިބަށް ސާބިތު ކޮށްދެއްވޭނެބާ؟
26/11/2006 | އަލްޙާން ފަހުމީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕި) ގެ ނައިބު ރައީސް އިބްރާހިމް ޙުސެއިން ޒަކީގެ މައްޗަށް ދައުލަތުން ކުރައްވާ، ސަރުކާރާއިމެދު ރައްޔިތުންގެ ހިތްތަކުގައި ދެކޮޅުވެރިކަން އުފައްދައި ސަރުކާރާއި ރައްޔިތުން ޖައްސައި ފިތުނަވެރިކުރުވަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ ކުށުގެ ދަޢުވާއާއި، އެދަޢުވާއާއިއެކު ދައުލަތުގެ ބަންޑާރަނައިބު ޝަރީޢަތަށް ހުށަހަޅުއްވާފައިވާކަމަށް ބުނާ ހެކިތަކަށް ބަލާއިރު، އެދަޢުވާގައި އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ އޭނާގެ މައްޗަށް ކުރެވިދާނެ ތުހުމަތެއްކަމަށް ފެނެއެވެ.

ޒަކީގެ މައްޗަށް ދައުލަތުން ދަޢްވާ ކުރައްވާފައިވަނީ ގާނޫނުލް އުގޫބާތުގެ 38 ވަނަ މާއްދާގެ ދަށުންނެވެ. މިމާއްދާގެ ހ.ގައިވަނީ ދިވެއްސަކު ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރި ބިދޭސީއަކު ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިޔުމަކުން ވިޔަސް ދިވެހިރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު ދިވެހީންގެ ބައެއްގެ ތެރޭގައި ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް އުފެއްދުމަކީ ކުށެކެވެ. އަދި އެފަދަ ވާހަކަ އަކުން ނުވަތަ ލިޔުމަކުން ދިވެހި ރައްޔިތުންގެ އެއްބައެއްގެ މެދުގައި އަނެއް ބަޔަކާމެދު ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް އުފެއްދުމަކީވެސް ކުށެކެވެ.

މިމާއްދާގައި ޤާނޫނުން ޙިމާޔަތްކުރާ ކަންކަމަކީ ނުވަތަ މަޞްލަޙަތަކީ، ތަނުގައި އުފެދިފައިވާ ދުސްތޫރީ ވެރިކަމުގެ ނިޒާމާއި، އެނިޒާމުގެ ދަށުން އުފެދިފައިވާ ޤާނޫނީ ސަރުކާރާއި، ޤައުމުގެ ދާޚިލީ އަމަންއަމާންކަމާއި، ޢާންމު މަޞްލަޙަތެވެ. ފަހެ، އެމާއްދާގައި ޙިމާޔަތްކޮށްފައިވާ ކަންކަމުންކުރެ ކަމަކަށް ނުވަތަ މަޞްލަޙަތަކަށް އަރައިގަތުމަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ ކުރިމަތީގައި ކުށެކެވެ. އަދި އެކަން ކޮށްފިކަން ސާބިތު ވެއްޖެނަމަ އެކަން ކުރި ބަޔަކާއި، އެކަމުގައި ބައިވެރިވި ބަޔަކާއި، އެކަން ސިއްރުކޮށްދިން ބަޔަކު، އެމާއްދާގެ ދަށުން ކުށްވެރިވާނެއެވެ.

ނަމަވެސް، މިޙާލަތުގައި އުފެދޭ ޤާނޫނީ ސުވާލަކީ ޒަކީ ދެއްކި ވާހަކައިގެ ސަބަބުން ޤާނޫނުލް ޢުޤޫބާތުގެ 38 ވަމަ މާއްދާގައި ބަޔާންކޮށްފައިވާ ކުށް ވުޖޫދަށް އައިސްފައި ވޭތޯއެވެ. ޒަކީގެ މައްޗަށް މިމާއްދާގެދަށުން ދަޢުވާ އުފުލާނަމަ އޭނާގެ މައްޗަށް މިމާއްދާގައި ބުނާ ކުށް ސާބިތުކުރެވޭނީ އެމާއްދާގައި ޞަރީޙަކޮށް ބުނެފައިވާ " ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް" އުފެއްދިކަން ސާބިތުވެގެންނެވެ. އެބަހީ، ޤާނޫނުގައި ބުނެފައިވާ ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް" އުފައްދަން 'މަސައްކަތްކުރުމަކީ' ކުށެއްކަމަށް ބުނެފައި ނުވާއިރު، ދައުލަތުގެ ބަންޑާރަ ނައިބު މިދަޢުވާ އުފުއްލަވާނަމަ، ޒަކީ ދެއްކި ވާހަކައިން އެމާއްދާގައި ބުނެފައިވާ "ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް" އުފެއްދިފައިވާކަން ސާބިތުކޮށްދެއްވައިގެން މެނުވީ، އެމާއްދާގައި ބުނާ ޖަރީމާ އޭނާގެމައްޗަށް ސާބިތުވާނެ ޤާނޫނީ އަސާސެއް ނޯންނާނެއެވެ.

އެހެން މިދެންނެވީ، ޤާނޫނުލް ޤުޤޫބާތުގެ 38 ވަނަ މާއްދާގެ (ރ) ގައި " މިމާއްދާގައި ބަޔާން ކޮށްފައިވާފަދަ ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް އުފައްދައިފި ކަމަށް ބަލަންވާނީ މިހަކުކުރާ އިސްވެދިޔަ ބާވަތުގެ ޢަމަލެއްގެ ސަބަބުން ސަރުކާރުގެ އަމުރަކަށް މީހަކު ނުވަތަ ބަޔަކު ނުކިޔަމަންތެރި ވުމުން، ނުވަތަ ނުކިޔަމަންތެރިވާން އުޅުމުން، ނުވަތަ ސަރުކާރުގެ ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ މުދަލަކަށް، ނުވަތަ ޢިމާރާތަކަށް މީހަކު ނުވަތަ ބަޔަކު ގެއްލުމެއް ދިނުމުން، ނުވަތަ ގެއްލުމެއް ދޭން އުޅުމުން، ނުވަތަ ސަރުކާރާ ދެކޮޅަށް ބަޔަކު އެއްވުމުން، ނުވަތަ އެއްވާން އުޅުމުން، ނުވަތަ މިއިން ކަމަކަށް އެއްވެސް ސިފައެއްގައި ހިތްވަރުދީ ހެދުމުންނެވެ" މިފަދައިން އޮންނާތީއާއިވެސް އެކީގައެވެ.

13 އޮކުޓޯބަރު 2006 ދުވަހުގެ ރޭ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ސްކޫލު ހޯލުގައި އޮތް އެޕާޓީގެ އާންމު ޖަލުސާއެއްގައި ރައީސް މައުމޫނު ވެރިކަމުން ވައްޓާލާނެ ކަމަށާއި، ދިއްދޫ މަސްވެރިންގެ ބަޔަކު ސަރުކާރުގެ ބައެއް އޮފީސްތަކަށް މަސްއެޅި މައްސަލާގައި ކުށްވެރިވެގެން ޝަރީއަތް ނުކުރެވޭނެ ކަމަށާއި، ރައީސް މައުމޫނަށް އިސްލާހާއި ޑިމޮކްރަސީ ނުގެނެވޭނެ ކަމަށާއި، އެކަން ގަބޫލު ނުކުރުމަށާއި، އަދުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި، ޚުދުމުޚުތާރު ވެރިކަމެއް އިންގިލާބަކާ ނުލާ ނުވެއްޓޭނެ ކަމަށާއި، ރައްޔިތުންގެ ވެރިކަމަކީ ރައްޔިތުންގެ ކުރިމައްޗަށް ބަޑިޖަހައިގެން ކުރެވޭނެ ވެރިކަމެއް ނޫންކަމަށް ބުނެ ޒަކީ ވާހަކަ ދެއްކެވެމުގެ ސަބަބުން 38 ވަނަ މާއްދާގައި ބުނާ ޖަރީމާ ހިނގިކަން ސާބިތު ނުވާނަމަ، ބެލެވޭނީ އޭނާ އެޖަރީމާ ހިންގަން 'މަސައްކަތްކުރީ' ކަމަށެވެ. ނަމަވެސް އެމާއްދާގައި އެޖަރީމާ ހިންގަން މަސައްކަތް ކުރުން ކުށްވެރިކޮށްފައިނުވާކަން ފާހަގަ ކުރެވެއެވެ.

އިސްވެ މިދެންނެވި ވާހަކަތައް ޒަކީ  ދެއްކެވިކަން  ސާބިތުވިޔަސް ،  ސީދާ އެވާހަކަތަކުގެ ސަބަބުން  "ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް" އުފެދިފައިވާކަން ސާބިތު ނުވާހާ ހިނދަކު ޤާނޫނުލް ޤުޤޫބާތުގެ 38 ވަނަ މާއްދާގެ ދަށުން އޭނާ ކުށްވެރި ނުކުރެވޭނެ ކަމަށް ފެނެއެވެ.
 ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved